• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label ބާއްޖަވެރި ޢާއިލާ. Show all posts
ބައެއްމީހުންގެ ނަޒަރުގައި ލޯތްބަކީ ހަމައެކަނި އެދުމެކެވެ. އަނެއްބައިމީހުން ދެކޭގޮތުގައި ލޯތްބަކީ ފަށައިގަންނަން އުދަގޫ ނިންމަން ފަސޭހަ ހަނދާންނައްތާ ނުލެވޭނެ ހަނގުރާމައެކެވެ. އަނެއްބައިމީހުން ބުނާގޮތުން ލޯބީގެ މިސާލަކީ އަލިފާންގަޑެއްގެ މިސާލެވެ. ރޯކުރާކަށް މާދައްޗެއް ނޫނެވެ. އެހެނަސް ނިއްވާލުމަކީ އުނދަގޫކަމެކެވެ. ނިއްވައިލެވިއްޖެނަމަ އަލަކުން އެއަލިފާންގަޑު އިޢާދައެއްނުވާނެއެވެ. މިހުރިހާ އެންމެން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެކަމަކީ ލޯތްބަކީ އިންސާނާގެ ކިބައިގައި ﷲ ލައްވައިފައިވާ ފިޠުރީ ޞިފައެއްކަމެވެ. އެއީ ކޮންމެ އިންސާނެއްގެ ކިބައިގައިމެ ހުންނާނެ ޣަރީޒާއެއްކަމެވެ. ޝަހުވަތްތެރިކަން އިންސާނާގެ ކިބައިގައި ލެއްވިބީދައިން އަނެއްޖިންސުގެ މީހަކަށް ޝައުޤުވެރިވުމަކީ އިންސާނީ ޠަބީޢަތުގެ ބައެކެވެ.

ހަށިގަނޑުގެ ޖަޒުބާތީ ރާޅުތަކަށް ހިމޭންކަން ގެންނާނެ ހަމަތަކެއް އިސްލާމްދީން ހޯދައިދިން ބީދައިން ލޯބި ހޯދާނެ ހަމަތަކެއްވެސް އިސްލާމްދީން ގެނެސްދިނެވެ. އަދި އެންމެހާ ކަންކަމެއް ފުރިހަމައަށް ހިމެނިފައިވާ އިސްލާމީ ޝަރީޢަތް މިމުހިންމު ޣަރީޒާ އިހުމާލުކޮށެއް ނުލައެވެ. ދޫކޮށްނުލައެވެ. ލޯބި ހޯދުމަށް ޚިޠުބާގެ މަތިވެރި ހަމައާއި ކާވެނީގެ ގުޅުން ޝަރުޢުކުރެއްވިއެވެ. އަދި އަންހެނާއަށް ލޯބި ޙާޞިލްކުރެވޭނެ މަގުތައްވެސް ތަނަވަސްވެފައިވެއެވެ. ކާވެނީގެ ކުރިން އޭނާގެ ރުހުން ހޯދަންޖެހެއެވެ. އަދި ކާވެނީގެ ފަހުން އޭނާއަށް ފިރިމީހާ ދެކެ ލޯބިނުވެވުނުނަމަ ޚުލުޢުވަރި އެކަމުގެ ޙައްލެއްގެ ގޮތުގައި ޝަރުޢުކުރެވިފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ރިވެތި ހަމަތަކެއް އިސްލާމްދީންމިވަނީ އިންސާނުނަށް ފަހިކޮށްދީފައެވެ.

ޚިޠުބާ:

އިސްލާމީ ހަމަތަކުގެ މަތިން ދެމީހެއްގެ ދެމެދުގައި ލޯބީގެ ގުޅުމުގެ ބިންގާ އެޅޭނެ އެންމެ މުހިއްމު ހަމައަކީ ޚިޠުބާގެ މަތިވެރިހަމައެވެ. ނުވަތަ އުޞޫލެވެ. މިއުޞޫލަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ރައްޓެހިވުމުގެ އާދައާ ތަފާތުކަމެކެވެ. އަދި އިނގެރޭސިބަހުން މިކިޔާ "ޑޭޓިންގ"އަކީ ތަފާތުކަމެއްމެއެވެ. ޚިޠުބާގެ އުޞޫލުތަކަށް ބަލާއިރު ދެމީހުންނަށް ބައްދަލުވެވެނީ ތިންވަނަ މީހެއްގެ ގޮތުގައި އަންހެންކުއްޖާގެ މަޙްރަމެއް ބަހައްޓައިގެނެވެ. އެހެނީ ސަލަމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ނަބަވީ އިރުޝާދުފުޅުތަކުން ދޭހަވާގޮތުގައި އަންހެނަކާއި ފިރިހެނަކު ވަކިން ބައްދަލުކޮށްފިނަމަ ތިންވަނަ މީހެއްގެ ގޮތުގައި އެބައްދަލުވުމުގައި ބައިވެރިވާނީ ޝައިޠާނާއެވެ. އަދި ޚިޠުބާގެ ގުޅުމުން ބަދެވިފައިވާ ދެމީހުން އެކަނި ތަންތަނަށް ގޮސް ނޫޅޭނެއެވެ. އަދި މައިންބަފައިންނަށް ވަގަށް ސިއްރިޔާތުގައި އުޅެންވެސް ނުޖެހޭނެއެވެ. ސަބަބަކީ ޚިޠުބާގެ އެންމެ މުހިންމު އެއްއަޞްލަކީ މައިންބަފައިންގެ ރުހުމެވެ. އަދި ހަމައެއާއެކު ބައްދަލުކުރުމާއި އެކަކު އަނެކަކަށް ބެލުމުގެ ހަމަތަށްވެސް އިސްލާމްދީންވަނީ ބަޔާންކޮށްދީފައެވެ. މިހަމަތަކުގެ ވާހަކަތަކުގެ މަޙައްލުކަމަށް ނުފެންނާތީ މިވާހަކަތަށް އިހަށް ފަސްކޮށްލީމެވެ.

މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ އިސްލާމްދީނުގައި ޙުކުމް ކަނޑައަޅަނީ ނަމަށް ނޫންކަމެވެ. ރައްޓެހިވެގެން މިއިމުގެ ތެރޭގައި ދެމީހަކު އުޅޭނަމަ، އެއީ ޝަރުޢީ ޚިޠުބާއެކެވެ. ޚިޠުބާގެ ނަން ލިބިގަތުމަށްފަހު މިއިމުން ބޭރުވެއްޖެނަމަ، އެއީ ދީނާ ޚިލާފުކަމެކެވެ. ޝަރުޠަކީ ކަނޑައެޅިފައިވާ އިމުގެ ތެރޭގައި އުޅުމެވެ. ބައްދަލުކުރުމާއި ވާހަކަ ދެއްކުމުގެ އިންތަކެވެ.

ޚިޠުބާގެ މާނަ ޢަރަބި އިނގެރޭސި ރަދީފަކުން ބައްލަވައިފިނަމަ އެބަހުގެ ލަފްޒީ މާނައަކީ އެންގޭޖުމެންޓުކަމުގައި ފެނިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް އިސްލާމީ ޚިޠުބާއާއި ޔޫރަޕުގެ އެންގޭޖުމެންޓު ހާސްފަށުންތަފާތެވެ. އެންގޭޖުމެންޓަކީ އަޖުމަބެލުމުގެ ދުވަސްތަކެކެވެ. އެދުވަސްތަކުގައި ހިތުހުރި ކޮންމެ ކަމެއް ދެމީހުންކުރަންވީއެވެ. މިކަމުގެ ސަބަބުން އެތައް ފިތުނައެއް އުފެދެއެވެ. ބައެއްފަހަރު ކާވެނީގެ ކުރިން ދަރިންލިބޭ ހިސާބަށްދެއެވެ. އެހެންކަމުން މިއީ އިސްލާމީ ނަޒަރަކުން ބަލައިފިނަމަ ޒިނޭއަށް ކޮށޭމަގެކެވެ. ފިތުނައިގެ ކޮޅިގަޑެއް އުފައްދާ ފިތުނައިގެ އަޞްލެކެވެ. އެކަމަކު އިސްލާމީ ޚިޠުބާއަކީ ހަމައެކަނި މިޒާޖު އެގިގަތުމުގެ މަޤްޞަދުގައި ކުރެވޭކަމެކެވެ. އަޖުމަބެލުމުގެ ބޭނުމުގައި ކުރެވޭކަމެއްނޫނެވެ.
ޚިޠުބާގެ އުޞޫލުން ގުޅޭ ދެމީހެއްގެ ދެމެދުގައި ނުބައި ފާޙިޝް ޢަމަލުތައް ހިގުމުގެ ފުރުޞަތަކީ ކުޑަ ފުރުޞަތެކެވެ. އެކަމަކު މިޚިޠުބާގެ ސަބަބުން އެކަކު އަނެކަކުގެ މިޒާޖުދަސްކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި ލޯބި ހޯދުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީވެސް ރައްކައުތެރި ނަތީޖާ ނެރެދެވޭ ފިޔަވަޅެކެވެ. މިމަރުޙަލާއަކީ އިސްލާމީ ނަޒަރަކުން ބަލާއިރު ލޯބި ހޯދައިގަތުމަށް ކަޑައްތުކުރަންޖެހޭ އެންމެ ފުރަތަމަ މަރުޙަލާއެވެ.

ކާވެނި:

ޚިޠުބާގެ މަރުޙަލާގެ ނިމުމަކީ ކާވެންޏެވެ. ކާވެންޏަކީ ޚިޠުބާގެ މަންޒިލް މަޤްޞޫދެވެ. ޚިޠުބައިގައި ޖެހޭ އަންހެންކުއްޖާއާއި ފިރިހެންކުއްޖާއަށް އެކަކު އަނެކަކު ކަމުދިޔުމުން ދެން އޮންނާނީ ފަސްކުރުމެއްނެތި ކާވެނިކުރުމެވެ. ލޯބީގެ އަޞްލުގުޅުމުން ދެމީހުން ގުޅުމެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެގޭގޮތުގައި ކާވެނީގެ ގޮތުން ގުޅޭ ދެމަފިރިންގެ މިސާލަކީ ދެލިބާހުގެ މިސާލެވެ. ފިރިމީހާއަކީ އަނބިމީހާގެ އަންނައުނެވެ. އަދި އަނބިމީހާއަކީ ފިރިމީހާގެ އަންނައުނެވެ. މާނައަކީ އެދެމީހުންގެ މެދުގައި އޮންނަ ގާތްކަން އެހާވެސް ބޮޑެވެ. އެކަކުއަނެކަކަށް އެހީތެރިވުމުގައި އަބަދުވެސް ދެމިތިބެންޖެހެއެވެ.
ކާވެނީގެ ގުޅުން ހުއްދަކުރެއްވުމާއެކު ކާވެނީގެ ގުޅުމުން ގުޅޭ ދެމީހުންގެ މަސްއޫލިއްޔަތުތަކާއި ޙައްޤުތައް އިސްލާމްދީން ބަޔާންކުރިއެވެ. އެގޮތުން އަނބިމީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތަކާއި ފިރިމީހާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އަޅާލުމާއި ލޯބިދިނުމެވެ. އަނބިމީހާ އުޅޭނެތަނަކާއި އުޅޭނެ ފަދައެއް ތަނަވަސްކުރުމެވެ. މިހިރީ ކާވެނީގައި ލޯތްބާއި އަޅާލުން ހަރުލެއްވުމަށް ކޮންމެހެންވެސް މުހިންމު ކަންތައްތަކެވެ.

ހަމައެފަދައިން މައްސަލަތައް ޖެހޭ ހިނދު އެކަންކަން ޙައްލުކުރާނެ ގޮތްތަކެއްވެސް އިސްލާމްދީންވަނީ ދައްކައިދީފައެވެ. ތަޙްކީމުކުރުން ނުވަތަ ފިރިމީހާގެ ޢާއިލާއިން އަނދި އަނބިމީހާގެ ޢާއިލާއިން އިތުބާރު ކުރެވޭ ފަރާތެއްގެ އެހީހޯދުމެވެ. ހަމައެފަދައިން ވާހަކަދައްކައިގެން ޙައްލުކުރުމަށް އިސްލާމްދީންވަނީ ބާރުއަޅާފައެވެ. އަދި މިހުރިހާ ގޮތްތަކެއް ބޭނުންކޮށްގެން ޙައްލެއް ނުހޯދިއްޖެނަމަ އެންމެ ފަހުގެ މަގެއް ކަމުގައި ވަރިކުރުން ހުއްދަކޮށްދެއްވިއެވެ. މިނިޒާމުތަކުގެ ބޭނުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބި ހަރުދަނާކުރުމެވެ. އިތުރަށް ބާރުގަދަކުރުމެވެ.

އަންހެނުންނަށް ލޯބި:

ޚިޠުބާގައި ޖެހުމަށް ދާނީވެސް ފިރިހެންމީހާއެވެ. ކާވެނި ހޯދުމަށް އުޅޭނީ ފިރިހެން މީހާއެވެ. އެހެންކަމަށްވާނަމަ ލޯބި ހޯދުމަކީ އިސްލާމްދީނުގައި ހަމައެކަނި ފިރިހެނުންގެ ޙައްޤަކީތޯއެވެ؟ އެހެނެއްނޫނެވެ. ލޯބިހޯދުމުގެ ޙައްޤު އިސްލާމްދީން އަންހެނުންނަށްވެސް ހޯދައިދީފައިވެއެވެ. އެކަބަލުން ލޯބި ޙާޞިލުކުރާނެ ހަމަތަކެއްވެސް ބަޔާންކުރައްވާފައިވެއެވެ. އެހަމަތަކަށްބަލާއިރު އިސްވެ ފިރިހެނުންގެ ކައިރިއަށް ދިއުމަކީ އަންހެނަކަށް އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެހެނަސް އެގޮތްވެސް ހުއްދައެވެ. އެކަމަކު އެގޮތަކީ އަންހެނުންގެ ޠަބީޢަތާއި ފުށުއަރާގޮތެކެވެ. އަންހެނުން އިސްވެ ފިރިހެނުންކައިރިޔަށް ދިޔުމަކީ ބޮއްކުރާކައިރިއަށް ދޯނި އައުންފަދަ ނޭކަށޭނެކަމެކެވެ. އިސްލާމީ ހަމަތަކުން ބަލާއިރު އަންހެނެއްގެ ކާވެނި ފިރިހެނަކަށް ލިބޭނީ އެކަނބުލޭގެ އެކަމަށް ރުހުމާލައިގެނެވެ. ނުރުހުންވެ، އެކަމާ ދެކޮޅުހަދައިފިނަމަ އެކަމުގެ މައްޗަށް އެކަބުލޭގެއަށް މަޖުބޫރުކުރުމަކީ ރަނގަޅުގޮތެއްނޫނެވެ.

ކާވެންޏަށް ފަހު އެކަބުލޭގެއަށް ފިރިމީހާދެކެ ލޯބިނުވެވިއްޖެނަމަ، ނުވަތަ ހިތްހަމަނުޖެހޭ ޞިފައެއް ހުރިނަމަ ވަރިވެވޭނެ މަގުތަކެއްވެސް ތަނަވަސްވެފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ބާރު އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން އިސްލާމްދީންވަނީ ހޯދައިދީފައެވެ.

ނިންމުން:

އިސްވެދިޔަ އިންތަކުގެ ބޭރުން ލޯބި ހޯދަންއުޅުމުގެ އެންމެ ފަހުގެ ނަތީޖާއަކީ ޝަހުވަތުގެ ކަނޑަށް މީހާގެނބި، ނުބައި ޢަމަލުތަކުގެ ދަންތުރައިގައި މީހާޖެހުމެވެ. އެއިރުން ލޯތްބަކީ ހިތި ޒަހަރުކަމުގައި ބެލެވިދާނެއެވެ. ނުވަތަ ލޯތްބަކީ އެއަލިފާނެއްގެ ހޫނުކަމުން މީހުން ހަނާވާފަދަ ހޫނުކަންގަދަ އަލިފާންގަޑެއްކަމުގައި ބެލިދާނެއެވެ. އެކަމަކު މިއިންތަކުގެ ތެރެއިން ލޯބި ޙާޞިލްކުރުމުން ލޯތްބަކީ ރަޙްމަތެއްކަމުގައި މެނުވީނުވާނެއެވެ. ލޯތްބަކީ މީހާގެ ކިބައިގައި ހިތްވަރު އުފައްދައިދޭ ބާރެއްކަމުގައި ވާނެއެވެ. އެހެންކަމުން ލޯތްބަށް އިންތިޒާރު ކުރާ ޒުވާން އަންހެންވެރީންނާއި ފިރިހެންވެރީން ލޯބިހޯދުމަށް އިސްލާމްދީން ބުނެދޭ ހަމަތަކުގެތެރެއިން ލޯބިހޯދަން އުޅޭނެކަމަށް އުންމީދުކުރަމެވެ. އެއިރުން ނުބައި ޢަމަލުތަކުގެ ޝިކާރައަކަށްނުވެ ލޯބި ހޯދޭނެއެވެ.


ލިޔުއްވީ: ޑރ.ޞަލާޙުއްދީން ސުލްޠާން
ތަރުޖަމާ: ޝިފްޒާން އަޙްމަދު

މިއީ ކޮންމެ ފިރިއަކަށް އަޅުގަނޑު އަރިސްކުރާ ސިޓީއެކެވެ. މިސިޓީގައި އަޅުގަނޑު ހިމަނައިލާނީ ޒަވާޖީ ލޯތްބާ ހަމައަށް ގެން ގޮސްދޭނެ ނުކުތާތަކެކެވެ. އެއީ ކާވެނީގެ ލަނޑުދަނޑިތައް ކަވިގޮތެއްގައި ރަނގަޅަށް ދިރާސާކުރުމަށްފަހު ކަނޑައަޅާ އުޞޫލުތަކެކެވެ. ބޭނުމަކީ ހިތުގެ ލޯތްބާއި، އެކަކު އަނެކަކު ރަނގަޅަށް ދަނެގަނެވުމާއި، ޖިސްމާނީ އަރާމު ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ މަގު ބަޔާންކުރުމެވެ. އެއީ ދެމަފިރިންގެ ދިރިއުޅުން އުފައުވެރިކުރުމަށް އޮތް ތިން ތަޅުދަނޑިއެވެ. އަޅުގަނޑު އެތަޅުދަނޑިތައް ހިމަނައިލާނީ ތަރުތީބުންނެވެ. މިތިން އަސާސުގެ ތެރެއިން އަސާސެއްނެތި ޒަވާޖީ ޙަޔާތެއް ކާމިޔާބު ނުކުރެވޭނެއެވެ.

ތިބާގެ ހިތުގައި އަނބިމީހާއަށްޓަކައިވާ ލޯބީގެ ތަޅުދަނޑިތައް

1- ތިބާއާ މާތްﷲގެ މެދުގައިވާ ގުޅުންތައް އިޞްލާޙުކުރާށެވެ. ރަސޫލުﷲގެފާނުގެ ޙަދީސެއްގައިވެއެވެ. (القلوب بين أُصبعين من أصابعِ اللَّهِ، يُقلِّبُهَا كيف يشاء)(1) މާނައީ؛ " ހިތްތައް ވަނީ މާތްﷲގެ އިނގިލިކޮޅުތަކުގެ ތެރެއިން ދެއިނގިލުކޮޅުގެ މެދުގައެވެ. އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ހިތްތައް އެފުށްމިފުށަށް ޖައްސަވައެވެ." އަދި ހިތްތައް ލޯތްބާއި އުލްފަތުގެ މަތީގައި އެއްކުރައްވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި މާތްﷲއަށެވެ. މާތްﷲއާ ކުއްތަންވީ މިންވަރަކަށް ދެމަފިރިންގެ ދެމެދުގައިވާ ލޯބި އެކަލާނގެ އިތުރުކޮށްދެއްވާނެއެވެ. މާތްﷲ ވަޙީކުރައްވައެވެ. فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَى وَأَصْلَحْنَا لَهُ زَوْجَهُ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ (އަންބިޔާއު 90) މާނައީ: ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.

2- ރުހޭ ޙާލަތާއި ނުރުހޭ ޙާލަތުގައިވެސް ޢަދުލުވެރިވުމެވެ. ޢަދުލުވެރިވުމަށްފަހު އިޙުސާންތެރިވުމެވެ. ހެޔޮ ހިތުން އިތުރުކޮށްދިނުމެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ރަނގަޅު ޞިފަތަކާއި ނުރަނގަޅު ޞިފަތައް ހުންނާނެއެވެ. ތިބާގެ އަނބިމީހާގެ ހެޔޮކަންކަމާމެދު ވިސްނައިފިނަމަ، ހިތުގެ އަޑިން ލޯބިކުރަން ޖެހޭ ކިތަންމެ ސަބަބެއް ފެންނާނެއެވެ.

ހިތުގެ އަޑިން ހިނިތުންވާށެވެ.
 
3- ތިބާގެ ހިތުގެ އެންމެ ފުނުން ހިނިތުންވާށެވެ. އިޚުލާޞްތެރިކަމާއި ލޯތްބާއެކު ވާހަކަ ދައްކާށެވެ. މަޑުމައިތިރިކަމާއި ކުލުނާ އެކުގައެވެ. ހިނިތުންވުމަކީ ޞަދަޤާތެކެވެ. ހެޔޮ ބަހަކީވެސް ޞަދަޤާތެއްމެއެވެ. މާތްﷲގެ ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. فَإِنَّ الرِّفْق لَمْ يَكُنْ فِي شَيْءٍ قَطُّ إلا زَانَهُ، وَلا نُزِعَ مِنْ شَيْءٍ إلا شَانَهُ(2) މާނައީ: އެކަމެއް ޒީނަތްތެރިނުކުރާ ކަމެއްގައި މަޑުމޮޅިކަން ނުވެއެވެ. އަދި މަޑުމޮޅިކަން ކަމަކުން އުނިވެއްޖެނަމަ، އެކަމެއްގެ ބަރަކާތް ކެޑެއެވެ.

4- ކޮންމެ ދުވަހަކުވެސް ތިބާގެ މަސައްކަތުގެ ވާހަކަ އަނބިމީހާ ގާތު ދައްކާށެވެ. މަދުވެގެން ދެފަހަރުއެވެ. އަދި އޭނާގެ ވާހަކަތަކުން ސުވާލުކުރާށެވެ. ބިލްތަކާއި ކެއުމާއި ދަރިންގެ ވާހަކައެއްނޫނެވެ. ހަމަ އޭނާގެ ވާހަކައެވެ. އެއީ ތިބާގެ ސިކުނޑީގައި ދާއިމަށް އޭނާގެ ޚިޔާލުވާކަން އިޙުސާސްކޮށްދިނުމަށެވެ.

5- ތިބާއަށް ގެއަށް ނާދެވި ލަސްވާނަމަ، ނުވަތަ ދެމީހުންކުރެ މީހަކަށް ދަތުރެއްގައި ދާންޖެހިއްޖެނަމަ، ތިބާ އޭނާ މަތިން ހަނދާންވާކަން އިޙުސާސްކޮށްދޭށެވެ.
ސަލާމް ފަތުރާށެވެ!

6- ތިބާގެ އަނބިމީހާއަށް ހޭލާ ވަގުތުގައާއި ގެއަށް ވަންނަ ވުގުތުގައާއި ނުކުންނަ ވަގުތުގައި ހިނިތުންވުމާއެކު، ސަލާމްކުރުމަކީ މުހިއްމުކަމެކެވެ. އަދި ގާތްކޮށްލާ، އޭނާގެ ހެޔޮކަމަށް އިޢުތިރާފުވުމުގެ ގޮތުން، ބޮލަށާއި ކޮލަށާއި އަތަށް ބޮސް ދިނުމަކީވެސް މުހިއްމުކަމެކެވެ. އެއީ އޭނާގެ މަޤާމް މާތްކޮށް ހިތުމަށެވެ. އެއީ އިމާމް މާލިކު މުވައްޠައުގައި ރިވާކުރައްވާފައިވާ ފަދައިންނެވެ. أن عائشة ابنة طلحة كانت عند عائشة رضي الله عنها زوجِ النبي صلى الله عليه وسلم فدخل عليها زوجُها هنالك وهو عبدُ الله بنُ عبد الرحمن بنِ أبي بكر رضي الله عنه، فقالت له عائشة: (ما يمنعك أن تَدْنُوَ إلى أهلك تقبّلها وتلاعبها؟ قال: أقبّلها وأنا صائم؟! قالت : نعم) މާނައީ؛ ޢާއިޝާ ބިންތި ޠަލްޙާ، ރަސޫލުﷲގެ އަނބިކަބަލުން އަދި މުއުމިނުންގެ މައިކަމަނާ ޢާއިޝަތުގެފާނުގެ އަރިހުގައި ވަނިކޮށް، ޢައިޝާ ބިންތި ޠަލްޙާގެ ފިރިކަލުން ޢަބްދުﷲބިން ޢަބްދުއްރަޙުމާނުބިން އަބީބަކުރި އެތަނަށް ވަޑައިގަތެވެ. އެހިނދު މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުން އުންމުލް މުއުމިނީން ވިދާޅުވިއެވެ. ތިބާގެ އަހުލުވެރިންނަށް ބޮސްދީ ސަމާސާކޮށްލުން މަނާކުޅައީ ކޮންކަމެއް ހެއްޔެވެ؟ އެހިނދު ޢަބްދުﷲ ދެންނެވިއެވެ. އަޅުގަނޑު ރޯދައަށް ހުރި ޙާލުގައިވެސް އެކަމަނާއަށް ބޮސްދޭންވީތޯއެވެ؟ ޖަވާބުގައި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އާއެކެވެ.

7- ހަތަރުކަޅި ހަމަކޮށް ތިބާގެ އަނބިމީހާއަށް ގިނަގިނައިން ބަލާށެވެ. އެއިރުން ތިބާދެކެ އޭނާ ލޯބިވާކަމާއި ތިބާގެ ހިތުގައި އޭނާއަށްޓަކައި ލޯބި އޮތްކަން އެގޭނެއެވެ. ޢަރަބިންގެ ބަހެއްގައި އޮވެއެވެ. (ليس راءٍ كمن سمع)މާނައީ: އެއްޗެއް އަޑު އިވޭ މީހާ ތަނެއް ފެންނަ މީހާ ފަދައަކުން ނުވެއެވެ. ލޮލުގެ ބެލުމުގައި އިމެއްނެތް ލޯބީގެ ސިޙުރު އެކުލެވިގެންވެއެވެ.


މަޞްދަރު: ޑރ.ޞަލާޙު ސުލްޠާނުގެ ސައިޓު
(1) (مشكاة المصابيح، كتاب الإيمان، باب الإيمان بالقدر، الفصل الثاني، 1/303)

(2) (صحيح ابن حبان، باب الرفق، ذكر البياتن بان الرفق مما يزين الأشياء ....، 1/273).

(3) موطأ الإمام مالك – أبواب الصيام – باب القبلة للصائم.

ލިޔުއްވީ: د.دعاء راجح
ތަރުޖަމާ: ޝިފްޒާން އަޙްމަދު

ޒުވާން ކުދިން ޚިޠުބާގެ ގުޅުމުގެ އިމުގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައި ކާވެނި ފުރިހަމަކުރުމަށް ޖެހިލުންވެއެވެ. ސަބަބަކަށްވަނީ ޚިޠުބާގެ ދުވަސްވަރުގައި ދެފަރާތަށްމެ މައްސަލަތަކެއް މެދުވެރިވުމެވެ. 
ނުވަތަ ބައިވެރިޔާއާމެދު ފުރިހަމަ ފިކުރާއެއް ނުލިބުމާއި މުސްތަޤުބަލާ މެދު ފުރިހަމަ ތަޞައްވުރެއް ނުލިބިގެނެވެ. 

މިކަން މިހެން މެދުވެރިވުމުގައި ޝަރުޢީ ހަމަތަކުގެ ތެރޭގައި(1) ދެފަރާތަށް ބައްދަލުވެވި، ވާހަކަ ދައްކައި އުޅުމަށް ޢާއިލާއިން މަދަދުވެރިނުވުމާއި، ގޮތެއް ކަނޑައެޅުމުގައި ޢާއިލާގެ އެހީތެރިކަން ނުލިބުން ސަބަބުތަކެއް ކަމުގައި ބެލިދާނެއެވެ. އަދި ޚިޠުބާގެ ޒަމާން ހަމައެކަނި ގުޅިލާ ގުޅުމަކުން ނިމި، އެދެމީހުން އަވަސް ގޮތެއްގައި ކާވެންޏަކަށް އަމާޒުހިފާފާނެއެވެ. ދެފަރާތުގެ ނުވަތަ ކޮންމެވެސް އެއްފަރާތެއްގެ ހިތްހަމަޖެހުމާއި ޔަޤީންކަން، މިގުޅުމާމެދު ޤާއިމު ނުވަނީހެވެ. މިކަމުގެ ސަބަބުން ޒަވާޖީ ޙަޔާތުގައި ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހެއެވެ.
މިހިސާބުން ޖަވާބެއް ބޭނުންވާ ސުވާލެއް ކުރިމަތިވެއެވެ. ކާވެނިކުރުމަށް ނިންމާ ނިންމުން ނިންމާނި ކޮން އަސާސެއްގެ މައްޗަށްތޯއެވެ؟
ރުހެންޖެހޭ ތިންކަމެއް!
މިމުހިއްމު ނިންމުން ބިނާވާން ޖެހޭނީ މައިގަނޑު ތިން މިންގަނޑެއްގެ ތެރެއިން ލިބޭ ރުހުމެއްގެ މައްޗަށެވެ.

ފުރަތަމަ މިންގަނޑު: ބުއްދީގެ މިންގަނޑު
މާނައަކީ ކޮންމެ ފަރާތަކަށްވެސް އަނެއް ފަރާތަކީ ތިމަންނަގެ ދިރިއުޅުމުގެ ބައިވެރިއެއް ކަމުގައިވުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއްކަން ޤަބޫލުކުރެވުމެވެ. ތިމަންނާގެ އުންމީދުތަކާއި ހުވަފެންތަކުގެ ބައިވެރިއެއްކަމުގައި ވެވިދާނެކަމަށް ޤަބޫލުކުރެވުމެވެ. ހިތާމައާއި އުފަލުގައި ބައިވެރިއެއްކަމުގައި ވެވިދާނެކަމަށެވެ. ކާމިޔާބީއާއި ނާކާމިޔާބުގައިވެސްމެއެވެ.
ދެފަރާތުގެ އުންމީދުތަކާއި އެދުންތަކުގައި ޤަބޫލުކުރެވޭ މިންވަރުގެ އެއްގޮތްކަމެއް ހުރިކަން ޔަޤީންވާން ޖެހޭނެއެވެ. އެދެމީހުންކުރެ ކޮންމެ މީހަކަށްމެ މުހިއްމުކަންކަމާއި ދިރިއުޅުމުގައި ކަން ހިގާ ގޮތްތަކާ މެދުގައި ދެމީހުންގެ ފިކުރު އެއްގޮތްވާންވާނެއެވެ.  ދެމީހުންނަށް ދެނެގަނެވޭ، ޒާތީ ތަފާތުތަކާއި ޢައިބުތަކަކީ އެކަންކަމާއެކުވެސް ދިރިއުޅެން ދަތިނުވާނެ ކަންކަން ޔަޤީންވާންޖެހޭނެއެވެ.

މިކަމުގެ މާނައަކީ ފުރިހަމައަށް ދެފަރާތް އެގުމެއްނޫނެވެ. އަދި ކިއެއްތޯއެވެ؟ ޢައިބުތަކާއި ރަނގަޅު ޞިފަތަކުގެ ތެރެއިން ވަރަށް ގިނަކަންކަމީ ކާވެނީގެ ފަހުގައި މެނުވީ އެގޭނެ ކަންކަމެއް ނޫނެވެ. އަދި އެކަންކަމުގެ ކުޑަ ބޮޑު މިނަކީވެސް ކާވެނީގެ ފަހުގައި މެނުވީ އެގޭނެ ކަންކަމެއް ނޫނެވެ.

ދެވަނަ މިންގަނޑު: ހިތުގެ ނުވަތަ ޢާޠިފީ މިންގަނޑު
ރޫޙުގެ މިސާލަކީ އެކަކު އަނެކަކާ ގުޅިފައިވާ ސިފައިންގެ ބައިގަނޑެއްގެ މިސާލެވެ. އޭގެ ތެރެއިން އެކަކު އަނެކަކު ދަސްވެއްޖެ މީހުން އެއްބައިވެއެވެ. އަދި ދެކޮޅުވެރި ވެއްޖެނަމަ ބައިބައިވެއެވެ. އެހެންކަމުން ދީނީ ގޮތުން ނުލާހިކު ރަނގަޅު، އިޖުތިމާޢީ ގޮތުން ހަމަޖެހޭ ،މާއްދީ ގޮތުން ތަނަވަސް، ޚުލްޤު ހެޔޮ ފިރިހެންކުއްޖަކާމެދުގައިވެސް އަންހެން ކުއްޖަކު ހިތްހަމަނުޖެހިދާނެއެވެ. ހަމައެފަދައިން ފިރިހެން ކުއްޖަކަށް ރަނގަޅު ދީންވެރި ޚުލްޤުހެޔޮ އަންހެންކުއްޖަކު ފެނުމަށްފަހު އެކުއްޖާއާމެދު، އޭނާގެ ނަފްސު ނުރުހިދާނެއެވެ. ރަނގަޅަށް އެގޭ ސަބަބެއްވެސް އެކަމުގައި އޮވެދާނެއެވެ. ބޭރުފުށުގެ ޞޫރައިގައި ހުރިކަމެއް ނުވަތަ ވާހަކަދެއްކުމާއި އުޅުމުގައި ހުރި އުނިކަމެކެވެ. ހަމައެފަދައިން އެސަބަބު އެންމެ ރަނގަޅަށް ނޭނގޭ ސަބަބެއްކަމުގައިވެސް ވެދާނެއެވެ. މިހުރިހާ ޙާލަތެއްގައިވެސް ހިތުގެ ޝުޢޫރުތަކަށް އިޙުތިރާމްކުރަން ޖެހޭނެއެވެ. ބުއްދީގެގެ މިންގަނޑުން ފާސްވުން އުފާވެރި ޙަޔާތަކަށް ފުދިގެން ނުވެއެވެ.

ތިންވަނަ މިންގަނޑު: ބޭރުފުށުގެ މިންގަނޑު
އަނެކާގެ ބޭރުފުށުގެ ޞޫރައާމެދުގައި ފުރިހަމައަށް ރުހި ޤަބޫލުވުމެވެ. ރީތިވުމަކީ އެކިމީހުންނަށް އެކި ގޮތަށް އޮންނަކަމެކެވެ. އެކަމުގައި މީސްތަކުންގެ ވިސްނުން ތަފާތުވެގެންވެއެވެ. އެކި މީހުންނަށް ރީތިވާނީ އެކި ގޮތަށް ތިބޭ މީހުންނެވެ. މަޡްހަރު ނުވަތަ ބޭރުފުށޭ ބުނުމުން އޭގެ މުރާދަކީ މީހާ ހުންނަ ގޮތް އެކަންޏެއްނޫނެވެ. އެމީހާގެ ހަށިގަނޑުގެ ޙަރަކާތްތަކާއި މޫނުގެ ހަރަކާތްތަށްވެސް މިމާނައިގެ ތެރެއަށްވަދެއެވެ. އިށީނުމާއި ކޮޅަށް ހުރުމާއި ތެދުވުމާއި ހިނގުމެވެ. މިއިން ކޮންމެ ކަމަކީ މިބަހުގެ ތެރެއަށް ވަންނާނެ ކަންކަމެވެ. މިހުރިހާ ކަމަކާ މެދު އަހަރުމެން ރިހިދާނެއެވެ. ނުވަތަ ހިތްހަމަ ނުރުހިދާނެއެވެ.
އަދިވެސް ކުރިވިދާނެ ސުވާލެއް އެބައޮތެވެ. އެއީ 100 އިންސައްތައިގެ ހިތްހަމަޖެހުމެއް މިތިން މިންގަނޑުންމެ ލިބުން ލާޒިމު ހެއްޔެވެ؟ އަދި ޚިޠުބާއަށް އެންމެ އެކަށީގެންވާ ވަގުތުކޮޅަކީ ކޮބައިހެއްޔެވެ؟

މިމިންގަނޑުތަކުގެ ތެރެއިން އިތުބާރެއް އުފެދުމަށް ނުވަތަ އިތުބާރު ދަށްވުމަށް ވަގުތު ބޭނުންވާނެއެވެ. އެހެންނަމަވެސް ކާވެނިކުރުމުގެ ނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތަކީ މިމިންގަޑުތަކުގެ ތެރެއިން އުފެދޭ އިތުބާރު ހަމަޖެހި އިސްތިޤުރާރުވާ ވަގުތެވެ. ނުވަތަ އެއިތުބާރު، ދެފަރާތުގައިމެ ކުރިއަރައި ބޮޑުވެގެންދާވަގުތެވެ. އެހެންކަމުން އެންމެ ރަނގަޅު ވަގުތަކީ ބުއްދިން ބަލައިގަނެވޭ މިންވަރަކަށް މިތިން އިތުބާރު އުފުލިގެންދާ ވަގުތެވެ.

ޢާންމުބައެއް ކުށްތައް
ވަރަށްގިނަފަހަރަށް ޚިޠުބާގެ ދުވަސްވަރުގައި ކޮންމެވެސް ކުށެއް އަނެކުންގެ ފަރާތުން ފެނިދާނެއެވެ. އަދި އެކަން މުސްތަޤުބަލުގައި ކާވެނީގެ ފަހުން ރަނގަޅުކުރުމަށް އެދުމުން އެކަން ބަދަލުކުރާނެކަމަށް ވަޢުދުވެދާނެއެވެ. އަދި  ތިމާއަށް އަނެއް ފަރާތް ބޭނުންވާތީ އެކަން ބަދަލުވެސް ކޮށްފާނެއެވެ. އެހެންނަމަވެސް މިހެޔޮ ބަދަލުގެ މަތީގައި އަޅުގަނޑުމެންގެ ތެރެއިން، މާތްﷲ ރަޙުމަތްލެއްވި އަޅަކަށްމެނުވީ، ދެމިހުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތެވެ.

އެއްވެސް މީހަކަށް އަނެކުން ބަދަލުކޮށް ނުލެވޭނެއެވެ. ލޯބިވާ މިންވަރު ކިތަންމެ ބޮޑުކަމުގައިވިޔަސް ޝަޚުޞިއްޔަތު ކިތަންމެ ވަރުގަދަކަމުގައިވިޔަސްމެއެވެ. ރަނގަޅު ހިތުނިޔަތެއް މައްސަލަ ހުރި ފަރާތުގެ އޮވެގެން މެނުވީއެވެ. ޙަޤީޤަތުގައިވެސް އެކަން ބަދަލުކުރުން އެފަރާތުން ބޭނުންވާންޖެހޭނެއެވެ. އެކަމުގެ އެދުންވެރިކަން އޮންނަންވާނެއެވެ.  އެހެންކަމުން ކާވެނީގެ ކުރިން ބަދަލުނުވިނަމަ، ކާވެނީގެ ފަހުން ބަދަލުވެދާނެކަމަށް ޤަބޫލުކުރުމީ މޮޔަކަމެކެވެ. އަދި ހަމައެފަދައިން ޚިޠުބާގެ ދުވަސްވަރު އަނެކުން ބޭނުންވާ ބޭނުންވުމުގެ ސަބަބުން އަންނަ ބަދަލު ކާވެނީގެ ފަހުން ކުރީގެ ގޮތަށް ރުޖޫޢަވެދާނެއެވެ. އެއީ ކާވެނީގެ ފަހުން އަނެކުންނަށްބޭނުންވާ ވުމުގެ އިޙުސާސް ކުޑަވެދާނެތީއެވެ. މިއީ ޠަބީޢީ ކަމެކެވެ. އެހެންނުވާނީ އެބޭނުންވާ ބޭނުންވުމަކީ ކާވެނީގެ ކުރިންވެސް ހިތުގައި އޮތް ތެދުވެރި  ބޭނުންވުމަކަށް ވެގެނެވެ. އަދި ބަދަލުވަނީވެސް ތެދުވެރި ހިތަކައިގެން ކަމުގައިވާނަމައެވެ.

އަދި ހަމައެފަދައިން ހިތުގެ ހަމަޖެހުމާއި ޢާޠިފީ ހެދިބޮޑުވުމަށް އިސްކަން ނުދިނުމަކީވެސް ޢާންމުކުށެކެވެ. އަދި ކާވެންޏަށްފަހު އެކަން އަތުވެދާނެކަމަށް ޤަބޫލުކުރުމަކީވެސް ކުށެކެވެ. ޚިޠުބާގެ ދުވަސްވަރުގައި އުފެދިގެން ނައި ޢާޠިފިއްޔަތެއް ލޯއްބެއް ،އެމަރުޙަލާގެ ފަހުން، ކާވެނީގެ ފަހުން، ޒިންމާތައް އިތުރުވުމަށްފަހު، އުފެދިދާނެކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެންމެ ފަހުން އެންމެހާ ސަބަބުތަކެއްގައި ހިފުމަށްފަހު، ދެފަރާތަށްވެސް ލިބިގެންވަ އަސާސީ މިންގަނޑަކީ ޝަރުޢީ އިސްތިޚާރާއެވެ. ގޮތެއް ނިންމުމުގައި އެންމެ ފަހުގެ މަރުޖިޢަކީ އެއީއެވެ.

1- މިލިޔުމުގައި ޝަރުޢީ ހަމަ ކަމުގައި ބުނެފައި އެވަނީ ޚިޠުބައިގައި ޖެހިފއިވާ ދެފަރާތަށް، އަންހެންކުއްޖާގެ މަޙުރަމެއްގެ ބެލެހެއްޓުންތެރިކަމާ އެކު ބައްދަލުކޮށް ވާހަކަ ދެއްކޭނެ ގޮތް ހަދައިދިނުމުގެ ވާހަކައެވެ.
 
މަޞްދަރު: އޮންއިސްލާމް.ނެޓް

ކާނެވިކުރަން އެދޭ ދިވެހި ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިންނަށް މިލިޔުމުގެ ސަބަބުން ރަނގަޅުމަގުތަކެއް ފެނުމުގެ އުންމީދުގައި ހުރީމެވެ. އަދި ފެށިގެން އަންނަ އެންމެހާ ކާވެނިތަކުގައި ބަރަކާތްލެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދަންނަވަމެވެ.  އާމީން!

ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.